އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި ލޮސް އެންޖަލިސް ލޭކަރސްގެ މައްޗަށް ގޯލްޑަން ސްޓޭޓް ވޮރިއަރސް ކުރި ހޯދައިފިއެވެ.
ސެން ފްރަންސިސްކޯގެ ޗޭސް ސެންޓަރގައި ކުޅުނު މިމެޗު ވޮރިއަރސް އިން ކާމިޔާބު ކޮށްފައިވަނީ 124 ޕޮއިންޓް 98 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަަތަމަ ހާފްގައި ވޮރިއަރސް ފެނިގެންދިޔައީ ލޭކަރސްއަށް ވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަ ކޮށެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި ވޮރިއަރސްއިން ވަނީ 14 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ދެވަނަ ކުއާޓަރގައި އެޓީމުން 14 ޕޮއިންޓްގެ އިތުރު ލީޑެއް ނަގާ ފުރަތަމަ ހާފު ނިންމާލީ 28 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގެ ތިންވަނަ ކުއާޓަރގައި ލޭކަރސް އިން 7 ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް މުޅި މެޗަށް ބަލާއިރު ވޮރިއަރސް އާއި ދެމެދުގައި ފަރަގު މާބޮޑަށް ކައިރި ކުރެވޭގޮތެއް ނުވިއެވެ. އަދި ފަހު ކުއާޓަރގައި ވޮރިއަރސް އިން ދެއްކި ކުޅުމާއެކު މިމެޗު ނިންމާލީ 26 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގައިދީ 2 އެސިސްޓް ދިން ޔަޒެލް ލެންޑެބޯގްއެވެ. މީގެއިތުރުން ސްޓެފަން ކަރީ އާއި ބްރެންޑިން ޕޮޑްޒިއެމްސްކީ އިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ 16 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗުގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދައިދީ 2 ރީބައުންޑް ނަގާ 2 އެސިސްޓް ދިން ސަންޑްރޯ މަމުކެލާޝްވިލީއެވެ. މީގެއިތުރުން ޖޭޑެން ހާޑީ 13 ޕޮއިންޓް ހޯދައިދިން އިރު ކުއެންޓިން ގްރިމޭސް ވަނީ 12 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.
ޕްރީ ސީޒަންގައި ބްރޫކްލިން ނެޓްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 90 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނެޓްސްއެވެ. ޗާލޮޓްގެ ސްޕެކްޓްރަމް ސެންޓަރގައި ކުޅުނު މިމެޗު ނެޓްސް ފެނުނީ ހޯނެޓްސްއަށް ވުރެ ވަރުގަދަ ކޮށެވެ. މިގޮތުން މެޗު ފެށުނީއްސުރެ ނިމެންދެން ކުރީގައި އުޅުނީ ނެޓްސްއެވެ. މިމެޗުގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 2 އެސިސްޓް ދިން މައިކަލް ޕޯޓަރ ޖޫނިއަރއެެވެ. އަދި ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދައިދިން ލިއަމް މެކްނިލޭއެވެ.
މީގެއިތުރުން މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޑެންވަރ ނަގެޓްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 117 ޕޮއިންޓް 106 ޕޮއިންޓުން ނަގެޓްސް ކާމިޔާބު ކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި އޮކްލަހޯމާ ސިޓީ ތަންޑަރ ބައްދަލުކުރި މެޗު 116 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕެލިކަންސްއެވެ.
މަޢުލޫމާތު: ޕީއެސްއެމް ނިއުސް








ކޮމެންޓް