ކާމިޔާބު 20 އަހަރަށް ފަހު ސްޕޭނާއި ބާސެލޯނާގެ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ސްޕޭނަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ފޯވަޑްގެ މިހާރުގެ އުމުރަކީ 39 އަހަރެވެ. އޭނާ ވަނީ ފުޓްބޯޅަ ކެރިއަރުގައި 25 މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
އިޓަލީގެ ލާޒިއޯ އަށް މި ސީޒަނުގައި ކުޅެމުން އައި ކުޅުންތެރިޔާ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޭން ކާމިޔާބު ކުރިއިރު ވެސް މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ.
"އަހަރެންނަށް އިހުސާސްވީ މިއީ ކުޅުން ހުއްޓާލަންވީ ވަގުތުހެން. މިއީ އަހަރެންގެ ކެރިއަރުގައި މުޅިން އައު ސޮފުހާއެއް ފަށަންވީ ވަގުތު. އަހަރެން ފުޓްބޯޅަ ކުޅުމާ ވަކިމިވަނީ ފަހުރުވެރި މާޒީއަކާއެކު. އަހަރެންގެ ކެރިއަރުގައި އަހަރެންނާއެކު ވަގުތު ހޭދަކޮށް އެކުގައި ތިބި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ބާސެލޯނާގައި ލަޔޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް ފަދަ ކުޅުންތެރިންނާއެކު ކުޅުނު ޕެޑްރޯ ބުންޏެވެ.
އަބަދުވެސް ޓީމަށް ފައިދާ ހުރި ކުޅުންތެރިއެއްގެ ގޮތުގައި ކޯޗުން ފާހަގަ ކުރި ޕެޑްރޯގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ގުޅިފައިވަނީ ބާސެލޯނާއާ އެވެ. ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ޕެޑްރޯ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރު އެވެ. އެންމެ ފާހަގަ ކުރެވެނީ 2015 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންސް ލީގު ބާސެލޯނާ ހޯދި އިރު ޕެޑްރޯ އަދާ ކުރި މުހިންމު ދައުރެވެ.
އޭގެ ފަހުން އޭނާ ވަނީ އިނގގިރޭސި ޕްރެމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ކޮށްދީފަ އެވެ. މިއަށްފަހު ކެރިއަރުގެ ފަހު ފަސް އަހަރު ހޭދަކުރީ އިޓަލީގެ ރޯމާ އާއި ލާޒިއޯގަ އެވެ.
ޕެޑްރޯ ވަނީ ކުލަބު ލެވެލްގައި 794 މެޗު ކުޅެ 197 ގޯލު ޖަހައިފަ އެވެ. އަދި ސްޕޭނުގެ ގައުމީ ޓީމަށް 65 މެޗު ކުޅެސީ 17 ގޯލު ޖަހާފައިވަ އެވެ. ކެރިއަރުގައި އޭނާ ވަނީ އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖަހައިދިނީ ވެސް ބާސެލޯނާ އަށެވެ. އެއީ 204 މެޗުން 58 ގޯލެވެ. ޗެލްސީގައި 2015 އިން 2020 އަށް އޭނާ ވަނީ 137 މެޗުން 39 ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ރޯމާ އަށް 27 މެޗުން ފަސް ގޯލު އަދި ލާޒިއޯ އަށް 160 މެޗުން 29 ގޯލު ޖަހައިދީފައިވެ އެވެ.
މަޢުލޫމާތު: ޕީއެސްއެމް ނިއުސް








ކޮމެންޓް