ރައީސް މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވިތާ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑާ ބައްދަލުވި ބޭރުގެ ޑިޕޮލަމޭޓަކު ރައީސް މުއިއްޒުއާ ބެހޭ ގޮތުން ވިދާޅުވި ވާހަކައެއް އަޅުގަނޑުގެ ބޮލުތެރޭގައި ހަރުލާފައި ހުރެ އެވެ. އޭނާ ވިދާޅުވި އެވެ؛ ކަލޭ ބަލަން ހުންނާށެވެ. ރައީސް މުއިއްޒު އެ ކަންކަން ކުރައްވާ ގޮތަކީ ރާއްޖޭގެ ރައްޔިތުންނަކީ ފަގީރު ބަޔަކަށް ހެއްދެވުމަށް ފަހު އޭނާގެ ފައިބުޑަށް ސަލާން ޖަހަން ދާނެ ބަޔަކަށް ހެއްދެވުމެވެ.
އޭނާ އެ ވާހަކަ ސަލަފް ޖަމިއްޔާއާ ވެސް ގުޅުވި އެވެ.
އެ ދުވަހު އޭނާ ދެއްކި ވާހަކަ އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ނަމަވެސް ކަންކަން ފުރޮޅެމުން ނިއުޅެމުންދާ ގޮތަށް ބަލާ އިރު، ރައީސްގެ ވިސްނުންފުޅާ ދޭތެރޭ ސުވާލު އުފެދޭ ކަންކަން އެބަ ކުރިމަތިވެ އެވެ.
ރައީސް މުއިއްޒުގެ އިގްތިސާދީ ތަސައްވަރާ ދޭތެރޭ ފުރަތަމަ އަޅުގަނޑަށް ސުވާލު އުފެދުނީ ދައުލަތުގެ ކުންފުނިތަކަށް ވެރިން އައްޔަން ކުރައްވަން ފެއްޓިވި ހިސާބުންނެވެ. އެ ތަންތަނަށް ވެރިން އައްޔަން ކުރެއްވުމުގައި ރައީސް ބެއްލެވީ އެ މަނިކުފާނަށް ވަފާދާރުން އަދި ބުނީމާ ބުނާ ގޮތް ހަދާ ބަޔަކީ ކޮބައިތޯ އެވެ؛ އެ ބޭފުޅެއްގެ ކޮލިފިކޭޝަނެއް ނުވަތަ ތަޖުރިބާ ކީއްކުރަންތޯ، ހަޔާތުގައި ހޯއްދަވާފައިވާ ކާމިޔާބީއަކަށް ވެސް ބެއްލެވުމެއް ނެތެވެ. އަދި ރައީސް ފާޅުގައި ވިދާޅުވާން ވެސް އެ ވާހަކަ ވިދާޅުވި އެވެ؛ ވިދާޅުވި އެވެ. ތިމަން މަނިކުފާނު ވަޒީފާތަކަށް ބޭފުޅުން މަތި ކުރައްވާނީ ބުނީމާ ބުނާ ގޮތް ހައްދަވާ ބޭފުޅުން ކަމަށެވެ.
އެމްއެމްޕީއާރުސީ އާއި ފެނަކަ ކޯޕަރޭޝަނާއި އެސްޓީއޯގެ ގޭސް ކުންފުންޏާއި އެމްޕީއެލް، އެމްޓީސީސީ ފަދަ ކުންފުންނިތަކަށް އައްޔަން ކުރެއްވި ވެރިންނަށް ނަޒަރު ހިންގާލުމުން އެކަން ވަރަށް ބޮޑަށް ސާފެވެ.
އެ ބޭބޭފުޅުންގެ އިތުރަށް އެ ނޫން ވެސް އެފަދަ ގިނަ ތަންތަން ހިމެނެ އެވެ. ލިސްޓް ދިގު ކުރާކަށް ނެތީމެވެ.
އަޅުގަނޑުގެ ކަންބޮޑުވުމަކީ މުޅި ރާއްޖެ އެ އިންޑަސްޓްރީއަކަށް ބަރޯސާވާ، ފަތުރުވެރިކަމުގެ އިންޑަސްޓްރީ ފުނޑާލުމަށް ސަރުކާރުން، ނޫނީ ހުދު ރައީސް މުއިއްޒު ކުރައްވާ މަސައްކަތެވެ. އެ އިންޑަސްޓްރީ ފުނޑާލެއްވުމުން ރައީސްއަށް ލިބިވަޑައިގަންނަވަނީ ކޯއްޗެއް ކަމެއް ނޭނގެ އެވެ. ފަހަރުގައި ސަލަފު މީހުންގެ ރުހުން ހޯއްދަވަނީ ތޯއްޗެކެވެ.
ޓޫރިޒަމް އިންޑަސްޓްރީ އެއްފަރާތްކޮށް އާމްދަނީ ހޯދުމަށް ހޯއްދެވި އިތުރު އިންޑަސްޓްރީއަކީ ކޮބައިކަމެއް ފެންނާކަމަށް ނެތެވެ. ރަސްމާލޭގެ މަޝްރޫއު ކާމިޔާބު ވިޔަސް، އެ މަޝްރޫއުއަކީ ޓޫރިޒަމްގެ ސިނާއަތް އެއްފަރާތްކޮށް އެ ވަރުގެ އާމްދަނީއެއް ލިބޭނެ މަޝްރޫއުއެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
އަޅުގަނޑު މި ދަންނަވާ ވާހަކައިގެ މުރާދަކީ މި ރާއްޖެ މަސްވެރި އަވައްގަނޑަކުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ހެއްދެވުމަށް ވޭތުވެ ދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި ބުރަ މަސައްކަތް ކުރެއްވި ބޭފުޅުންނާ ދިމާއަށް ހިތު ހުރި އެއްޗެހި ވިދާޅުވުމެވެ. އެ ވާހަކަތަކުގެ ޒާތީކަން ހުރި ވަރަކީ އަޑަށް ބާރު ލައްވާފައިވާ، ޖެހޭނީ މާރު ކުރަން ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަ އެވެ.
އޭގެ އިތުރަށް މުއްސަނދިކަމަކީ ވަކި ބައެއްގެ ހައްގެއް ނޫން ކަމަށް ވިދާޅުވެ، މި ފަހުން ދެއްކެވި ވާހަކައަކީ ވެސް ތަނަވަސް މީހުންނާ ދޭތެރޭގައި ރައީސްގެ ހިތްޕުޅުގައި އަނދަމުންދާ ގިނި ހުޅުގަނގަނޑު ކޯދުލާ އުތުރި އަރާވަރު ދައްކުވައި ދިން ކަމެކެވެ.
ރައީސް އެ ވާހަކަ އެ މޭރުމުން ދެއްކެވި އިރު މާތްﷲ ތަނަވަސްކަން ދެއްވަނީ އެކި މީހުންނަށް އެކި ވަރަށްކަން އެނގިވަޑައިނުގުތުމަކީ ވެސް ދެރަކަމެކެވެ.
ރަނގަޅު ވާހަކަ އެކެވެ. ރާއްޖޭގައި ޑޮލަރުގެ މައްސަލައަކީ ހައްލުވާން ޖެހޭ ބޮޑު މައްސަލަ އެކެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި ދިރިއުޅޭ ހަތަރު ވަރަކަށް ނޫނީ ފަސް ލައްކަ ވަރަކަށް މީހުންގެ މުހުތާދުތައް ފުއްދޭ ވަރަށް މި ރާއްޖެއަށް ޑޮލަރު ވަދެ އެވެ. ޓޫރިޒަމުން އެކަނި ވެސް ރާއްޖެއަށް އަހަރަކު 5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ވަދެ އެވެ. އޭގެ ތެރެއިން 2 ބިލިއަން ޑޮލަރު ވަރު ސީދާ ޓެކްސްގެ ގޮތުގައި މީރާއަށް ވަދެ އެވެ.
އެ ފައިސާ ބޭކާރު ގޮތްގޮތަށް ހަރަދު ކުރުމަކީ އެހެން ކަމެކެވެ.
ޓޫރިޒަމް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %20 މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ޑޮލަރުގެ މައްސަލަތައް ހައްލުވާނެ ކަމުގެ ފޮނި އުންމީދާ އެކު އެވެ. ހާއްސަކޮށް ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ މީހަކަށް މިހާރު ދޫކުރާ 500 ޑޮލަރު ދެ ގުނަކޮށް 1،000 ޑޮލަރަށް ހައްދަވާނެ ކަމުގެ ވައުދާ އެކު އެވެ.
އެއާ އެކު ޓީމޫ އާއި އެ ނޫނަސް އެފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރެވޭވަރު އިތުރު ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ.
ނަމަވެސް އެކަންކަންވީ އިތުރަށް ގޯހެވެ. އެ ފަދަ ޕްލެޓްފޯމްތަކުން އެއްޗެތި ގަތުން އިތުރަށްވީ ދައްޗެވެ. އެ ވިދާޅުވި ފުރާ މީހުންނަށްދޭ 1،000 ޑޮލަރެއް ވެސް ނުލިބެ އެވެ. އަދި ވިޔަފާރިވެރިންގެ ޓީޓީތައް ހެއްދުމަށް ވެސް އިތުރަށް ތާއްޓެވެ.
އެ ފައިސާތައް ވެއްދީ ކޮންތަނަކަށްތޯ އެވެ؟ ރަސްމާލެ ބަޔަކަށް ހިލޭދޭން އެ ތަން ހިއްކަންތޯ އެވެ؟
ތެދެކެވެ. ދަރަނިތައް ދެއްކުމަށް އެ ފައިސާ އިން ބައެއް ބޭނުން ކުރި ކަމަށް ވެދާނެ އެވެ. ނަމަވެސް އެ ދަރަނި ދެއްކި އިރު ނެގި ދަރަނި ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ބުނާ އަޑުއިވެ އެވެ.
ބޭކާރު ހަރަދުތައް އިތުރުވެ، ހަރަދުތައް މައްޗަށް ދިއުމުން އަނެއްކާ ވެސް މި ދިމާކުރެއްވީ އެއްކަލަ ރަންބިސް އަޅާ ކުކުޅާ ދިމާއަށެވެ. މިފަހަރު ކުރީގެ އަދަދު ދެގުނަ ކުރާށެވެ. އާދެ މާރު ކުރަން ޖެހޭ މިންވަރު %40އަށް އިތުރު ކުރުމަށެވެ.
އިންޑަސްޓްރީގެ ދެކޮޅު ހެދުންތަކާ އެކު ވެސް ރައީސް ވިދާޅުވީ އެއީ ރިސޯޓްތަކަށް މާރު ކުރެވޭނެ މިންވަރެއް ކަމަށެވެ.
އެވަރުން ނިންމާލެއްވީއެއްް ނޫނެވެ. ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ޓްރެވަލް އެޖެންޓުންގެ އަތުން ވެސް %17ގެ ޓީޖީއެސްޓީ ނަގަން ގާނޫނަށް ބަދަލުގެންނެވީ އެވެ. އެ އިރު ޓުއާ އޮޕަރޭޓަރުން މި ބުނަނީ، އެއީ ނެގޭނެ ޓެކުހެއް ނޫން ކަމަށެވެ. އަދި އެ ޓެކްސް ވަނީ އެ މީހުންގެ އަތުން ނަގާ ޑަބަލް ޓެކުހަކަށް ކަމަށެވެ.
ޓޫރިޒަމް ވިޔަފާރި ކުރާ ފަރާތްތަކުން މިހާރު ވެސް ދައުލަތަށް %17ގެ ޓީޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާގެ ޓެކުހާއި ގްރީން ޓެކްހުގެ ގޮތުގައި ބޮލަކަށް ނަގާ 12 ޑޮލަރާއި އެހެން ގޮސް %30 ވަރަަކަށް ވަރު މިހާރު ވެސް ދައުލަތަށް އެ އިންޑަސްޓްރީން ދައްކަ އެވެ. އަދި އެ ހުރިހާ ފައިސާއެއް ދައްކަނީ ޑޮލަރުންނެވެ.
ސުވާލަކީ އެ ހުރިހާ ކަމަކަށް ޑޮލަރުން ފައިސާ ދެއްކުމަށް ފަހު، ލިބޭ ޑޮލަރު އާމްދަނީގެ %40 މާރުކޮށްގެން، އެ މީހުން އެ ވިޔަފާރީގައި ދެމި ތިބެންވީ ކީއްވެ ހެއްޔެވެ؟
ވިޔަފާރިވެރިން ވިޔަފާރި ކުރަނީ ލިބޭ ފައިދާ އިތުރު ކަންކަމަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާ ކުރާކަށް ނޫން ހެއްޔެވެ؟ އެހެން ނުވާ ނަމަ ވިޔަފާރި ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ހުޅުވިފައިވާ ވިޔަފާރީގެ މައުހާލެއްގައި، އެ މީހުން ވިޔަފާރިކޮށް، އެ ވިޔަފާރިން ހޯދާ ނަފާއާ ދޭތެރޭ އަމަލުކުރަންވީ ގޮތް ސަރުކާރަކަށް ނުބުނުވޭނެ އެވެ. އެކަން އެ ގޮތަށް ކުރާ ނަމަ އެ ވާނީ މިނިވަން ވިޔަފާރީގެ ސިޔާސަތާ ފުށުއަރާ ބީރައްޓެހި ކަމަކަށެވެ. ނޫނީ ކޮމިއުނިސްޓް އުސޫލަކަށެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ބޭނުން ނަމަ، ބައެއްގެ ވިޔަފާރީގެ ތެރެއަށް އަތްނުބާނައި ވެސް އެކަން ކުރެވިދާނެ އެވެ؛ ފްރީ މާކެޓް އުސޫލުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ޑިމާންޑް އެންޑް ސަޕްލައިގެ އުސޫލުންނެވެ. އެއްޗެއްގެ އަގު ގަދަކަމުން ތިރިއެއްް ނުކުރެވޭނެކަން ގަބޫލު ކުރަން ޖެހެ އެވެ. ކިތަންމެ ވަރަކަށް އޭގައި ބަގުޑި ބެއްދިއަސް، އެކަން އެ ގޮތުގައި ކޮންޓްރޯލް ނުކުރެވޭނެކަން ގަބޫލު ކުރަން ޖެހެ އެވެ.
އަނެއް ހަގީގަތަކީ 2008ގެ ކުރިން 12.85ރ.އަށް ހުރި ޑޮލަރު ރޭޓް 15.42ރ.އަށް ހެދިތާ ވެސް ވިއްސަކަށް އަހަރާ ގާތްވި ކަމެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިންފްލޭޝަނަށް އައި ބަދަލާއި އެ މުއްދަތުގެ ތެރޭގައި އަވައްޓެރި ގައުމުތަކުގެ ކަރަންސީ ރޭޓަށް އައި ބަދަލަށް ރިއާޔަތް ކުރަން ޖެހެ އެވެ.
އިންޑިއާގައި 2008ގައި ޑޮލަރު ރޭޓް ހުރީ 43 ރުޕީސްއަށް ޑޮލަރެކެވެ. މިއަދު އެ އަދަދު ހުރީ އޭގެ ދެ ގުނައަށް ވުރެ ބޮޑުކޮށް 96 ރުޕީސްއަށް ޑޮލަރެކެވެ. ލަންކާގައި އޭރު ޑޮލަރު ރޭޓް ހުރީ ޑޮލަރަކަށް 110 ރުޕީސް ވަރުގަ އެވެ. މިއަދު އެ އަދަދު ހުރީ 330 ރުޕީސް އަށެވެ.
ރައީސްގެ ޒާތީވުން ބޭނުން މީހަކާ ދޭތެރޭ ބޭނުން މިންވަރަކަށް ބާއްވަންވީ އެވެ. ނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާ އެކު ގައުމުގެ އިގުތިސާދާ ފުނޑާލައްވަން ނުހައްދަވާށެވެ. އެކަމުގެ ގެއްލުން ލިބޭނީ އެ ސިނާއަތުގެ މީހުންނަށް އެކަންޏެއް ނޫނެވެ. އެންމެންނަށެވެ.
ހިފަން އުޅެންވާނީ ހިފޭވަރުގެ އެއްޗެތީގަ އެވެ. އެެއަށް ވުރެ ބަރުކޮށް ހިފަން ހަދައިގެން ބިނދޭނީ މުޅި ގައުމުގެ މައި ބަދަ އެވެ. ފެލޭނީ ހުރި ދިއެއްްކަން ގަބޫލު ކުރަން ޖެހެ އެވެ. ސިނގިރޭޓްގެ ތަޖުރިބާ ކުރަން ނުޖެހިއްޖެ ނަމަ ރަނގަޅެވެ.
މަޢުލޫމާތު: ދައުރު









ކޮމެންޓް