ޓޫރިޒަމް ސިނާއަތުގެ ބައެއް ދިވެހި ވިޔަފާރިވެރިންނާ ސަރުކާރުގެ އިސް ޓިމެއް މިއަދު ބައްދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ބައްދަލުވުން މިއައީ ޓޫރިޒަމް ބައެއް ޓެކްސްތަކާއި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލުތަކާ މެދު ކަންބޮޑުވުން އުފެދިފައި އޮތް ދަނޑިވަޅެއްގަ އެވެ.
ތަފްސީލު - ބައްދަލުވުމުގައި ބައެއް މިނިސްޓަރުންނާއި މީރާގެ އިސް ވެރިޔާ ފާތިމަތު އަމީޒާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިނިސްޓަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވީ:
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ބަންޑާރަނައިބު އަހްމަދު އުޝާމް
މި ބައްދަލުވުމުގެ ފޮޓޯތަކާ އެކު ޓޫރިޒަމް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ފަތުވެރިން އަންނަ އަދަދު އިތުރުކުރުމަށާއި އަންނަ އަހަރަށް ކަނޑައަޅާފައިވާ ޓޫރިޒަމްގެ އަމާޒު ހާސިލުކުރާށާއި މި ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީން ބުނީ:
ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންގެ ހުށަހަޅުންތަކުގެ މައްޗަށް ބިނާކޮށް މުހިންމު އަމާޒުތަކަށް އެއްބަސްވެފައިވާ ކަމަށް
މިއީ މި އިންޑަސްޓްރީގެ ބޭފުޅުންނާ އެކު ގާތުން މަަސައްކަތް ކުރުމަށް ސަރުކާރުން ސަމާލުކަން ދޭކަން ދައްކުވައިދޭ ކަމެއް
ޓޫރިޒަމްގެ ދިވެހި ވިޔަފާރިވެރިންގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި:
ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު)
ސަން ސިޔާމް ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް
ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް
ފާހަގަކޮަށްލެވޭ ކަމެއް - ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާ ކަންބޮޑުވާ ގޮތަށް ދެ ކަމެއް މި ފަހުން ނިންމައިފަ އެވެ. އޭގެ ތެރޭގައި:
ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 ބޭންކަށް މާރުކުރުން
އޭގެ ކުރިން އޮތީ %20 ނުވަތަ ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް
ރާއްޖޭގައި އޮފީހެއް ނުހަދާ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް ވިއްކާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތައް އަދި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުން
މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތައް އަދި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނަގާ ގޮތަށް ހެދި އިސްލާހަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެކަމަކު ދެ ދުވަސް ފަހުން، މިދިޔަ ހޮނިހިރުދުވަހު ސަރުކާރުން ވަނީ، ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ގާނޫނު އަލުން އިސްލާހުކުރަން ނިންމިކަން ހާމަކޮށްފަ އެވެ.
ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، މިއަދު ރައްޔިތުންގެ މަޖިލިސް ވަނީ ފަށައިފަ އެވެ. އެކަމަކު އެ އިސްލާހުތައް އަދި ނުފޮނުވަ އެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް