Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ޓޫރިޒަމަށް އައި ކުރިއެރުންތަކާ މުއާސަލާތީ ހިދުމަތްތައް އޮތީ ގުޅިފައި: ދިރާގުގެ ސީއީއޯދައުރު

ޓޫރިޒަމަށް އައި ކުރިއެރުންތަކާ މުއާސަލާތީ ހިދުމަތްތައް އޮތީ ގުޅިފައި: ދިރާގުގެ ސީއީއޯ

ފަތުރުވެރިކަމުގެ ސިނާއަތް ވާދަކުރަނީ ދުނިޔޭގެ ފެންވަރުގައިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ޓޫރިޒަމްގެ ކުރިއެރުމަށް ބޭނުންވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އީޖާދުތައް ކަމަށް

ދ
6 އޮކްޓޫބަރު 2026 13:373 މިނިޓުގެ ކިޔުން 1,657
Aa

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުންތަކާއި ދިރާގު ފަދަ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތައް އޮތީ ގުޅިލާމެހިފައި ކަމަށް ދިރާގުގެ އާ ސީއީއޯ ވަލްޑެމާ ފެރަޑާޒް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުުންހުރި މަންދޫބުންނާ އެކު އިއްޔެ ކްރޮސްރޯޑްސްގައި ބޭއްވި، ހޮޓެލިއާ މޯލްޑިވްސް ޖީއެމް ފޯރަމް 2026ގައި ވާހަކަ ދައްކަވަމުން ވަލްޑެމާ ވަނީ ދިރާގުން ރާއްޖޭގެ މުއާސަލާތީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ކުރި މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ.

ތަފްސީލް - ވަލްޑެމާ ވިދާޅުވީ ދިރާގުގެ ސީއީއޯގެ މަގާމާ މީގެ ތިން މަސް ކުރިން ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ޓޫރިޒަމް ނެތް ނަމަ ގައުމުގެ އިގްތިސޯދު އޮންނާނީ ކިހިނެއްތޯ ހިތަށް އެރި ކަމަށެވެ. އަދި ދިރާގު ފަދަ ކުންފުންޏަކާ ނުލާ ރާއްޖޭގެ އިގްތިސޯދު އޮންނާނެ ގޮތާ މެދު ވިސްނެވި ކަމަށް ވެސް ވިދާޅުވި އެވެ.

"ފެނިވަޑައިގަންނަވާނެ މި ދެ ދާއިރާ [ޓޫރިޒަމާއި ޓެލެކޮމިޔުނިކޭޝަން] ގުޅިލާމެހިފައި އޮތް މިންވަރު. ރާއްޖޭގެ އިގްތިސޯދުގެ މުހިއްމު ހިއްސާއެއް އަދާކުރާ ޓޫރިޒަމް އިންޑަސްޓްރީއަށް އައިސްފައިވާ ކުރިއެރުމާއި ޓެލެކޮމިޔުނިކޭޝަން ދާއިރާގެ ހިއްސާ އާ ގުޅުން އޮތް މިންވަރު،" އޭނާ ވިދާޅުވި އެވެ.

ވަލްޑެމާ ވިދަޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ދުނިޔޭގެ ފެންވަރުގައި އެ ސިނާއަތުގެ އާ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ފަތުރުވެރިން އެންމެ ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވާފައިވާ ވަލްޑެމާ ވިދާޅުވީ ތަފާތު ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ފެނި، ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ދިރާގާ އެކު މަސައްކަތް ފެށުމުން ރާއްޖޭގައި ހުރި ގޮންޖެހުންތައް ވެސް ފެނިއްޖެ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ވާދަކުރަނީ ދުނިޔޭގެ ފެންވަރުގައިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިކަމަށް ބޭނުންވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އީޖާދުތައް ކަމަށެވެ. ހަލުވިކަމާ އެކު ބަދަލުވަމުން އަދި ކުރިއަރަމުން އަންނަ ޓެކްނޮލަޖީއާ އެއްހަމައެއްގައި ހިފެހެއްޓުމަކީ އެ ވާހަކަ ދައްކަން ފަސޭހަ ކަމެއް ނަމަވެސް ކުރަން އެންމެ ފަސޭހަ ކަމެއް ނޫން ކަމަށް ވަލްޑެމާ ފާހަގަ ކުރެއްވި އެވެ.

"މިއީ އެކަނި ކުރެވޭނެ ކަމެއް ނޫން. ޓެކްނޮލަޖީއާ ވާދަ ކުރަން ވަރުގަދަ، އެކުގައި މަސައްކަތް ކުރާނެ ބައިވެރިން ބޭނުންވޭ. އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް އަދި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވެސް މިއީ އެކަނި ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"މިއަދު މި މަސައްކަތުގައި ބައިވެރިވާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޓީމުތަކުން މި ބިނާކުރަނީ މުސްތަގުބަލުގެ އުމްރާނީ ވަސީލަތްތައް."

ޑޭޓާ ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުން ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވައި ވަލްޑެމާ ވިދާޅުވީ އާދައިގެ ވަސީލަތްތަކަކަށް މިހާރު ބަރޯސާ ނުވެވޭނެ ކަމަށެވެ.

ކްލައުޑް ޓެކްނޮލޮޖީ އާއި ބޮޑެތި ޑޭޓާ ސެންޓަރުތަކަށް ގިނަ ހަކަތަ ބޭނުންވާ ބޮޑެތި އިންވެސްޓްމަންޓްތައް މިއަދު ބޭނުންވާކަން ފާހަގަ ކުރައްވައި، ޑޭޓާ ރައްކާކުރުމަށާއި ވިޔަފާރިތަކުގެ ސިއްރުތައް ހިމާޔަތްކުރުމަށް މި ވަސީލަތްތައް މުހިއްމު ދައުރެއް އަދާކުރާކަން ވެސް ދިރާގުގެ ސީއީއޯ ފާހަގަ ކުރެއްވި އެވެ.

ދިރާގުގެ އަމާޒަކީ ޑޭޓާ ސެންޓަރުތަކާއި ކްލައުޑް ޓެކްނޮލޮޖީއަށް ބޮޑެތި އިންވެސްޓުމެންޓުތައް ކުރުން ކަމަށާއި އެ ކުންފުނީގެ 'ޓިއާ 4'، 'ޓީއައިއޭ' އަދި 'އައިއެސްއޯ' ސެޓިފައިޑް ޑޭޓާ ސެންޓަރުތަކަކީ ދުނިޔޭގެ ފެންވަރުގެ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސޯދަށް، ހާއްސަކޮށް ޓޫރިޒަމް ފަދަ ސިނާއަތްތަކަށް މިފަދަ ވަސީލަތްތައް މުހިންމު ވަނީ ދުނިޔޭގެ ކޮންމެ ސަރަހައްދަކާ ވެސް މުއާމަލާތް ކުރުމަށް ބޭނުންވާ ހަލުވިކަމާއި ފަސޭހަކަން އަދި އިތުބާރު ހިފޭ ނިޒާމެއް ބޭނުންވާތީ،" ވަލްޑެމާ ވިދާޅުވި އެވެ.

މިއީ އެކަނި ކުރެވޭނެ ކަމަކަށް ނުވާތީ ދުނިޔޭގެ އެހެން ގައުމުތަކާއި ޓެކްނޮލަޖީ ކުންފުނިތަކާ އެކު މިކަމަށް އިންވެސްޓު ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް މުވައްޒަފުން ތަމްރީނު ކުރަމުން އަންނަ ކަމަށާއި އޭއައިއަށް އަހުލުވެރި ޖީލެއް ތައްޔާރު ކުރުމަށް ގޮންޖެހުންތައް އެބަހުރިކަން ދިރާގުގެ ސީއީއޯ ފާހަގަ ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންނަށް ގިނަ ފުރުސަތުތަައް ލިބިފައިވާ ޒަމާނެއް. އިންސާނުންނާއި ޓެކްނޮލޮޖީގެ މެދުގައި އޮންނަ ހަމަހަމަކަން މިހާރު މިވަނީ ގާއިމުވެފައި. މި ޓެކްނޮލޮޖީއަކީ ބާރުގަދަ، ހަލުވި އަދި އެހާމެ ފޯރިގަދަ އެއްޗެއް. އަޅުގަނޑުމެން މިކަން ދަސްކޮށް، މީގެ ބޭނުން ހިފަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ މެދުގައި އޮންނަ ޖަޒުބާތީ ގުޅުންތައް ކުޑަވަމުންދާކަން ވެސް ދިރާގުގެ ސީއީއޯ ފާހަގަ ކުރެއްވި އެވެ. އެކަމަށް ހައްލެއް ލިބޭނެ އެއް ގޮތަކީ ކަސްޓަމަރުންނާއި މުވައްޒަފުންނާ ދެމެދު އޮންނަ އިންސާނީ ގުޅުން ވަރުގަދަ ކުރުން ކަމަށާއި އެކަމަށް މުވައްޒަފުން ބިނާ ކުރަން ޖެހޭ ކަމަށް ވެސް ވަލްޑެމާ ވިދާޅުވި އެވެ.

"އެކަން އެގޮތަށް ނުކޮށްފިނަމަ މީހުން ޓެކްނޮލޮޖީއާ މެދު ބިރުގަނެ އެއަށް އަމަލުކުރުމަށް ފަސްޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.