ފަތުރުވެރިކަމުގެ އެއް ބާނީ، ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފް (ޗަމްޕާ އަފީފު) އަލަށް ޔޫރަޕަށް ވަޑައިގަތީ ސްކެންޑިނޭވިއާގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ސުވިޑަންގެ ވިންގްރެސާގެ ދައުވަތަކަށެވެ.
އެކަމަކު އެ ދަތުރުގައި އެއާޕޯޓުން އަފީފު ހިފަހައްޓައި ކޮން ތަނަކުން އައީ މީހެއްތޯ ސުވާލުކުރި އެވެ. އަފީފު ވިދާޅުވީ މޯލްޑިވްސް ކަމަށެވެ. އެމީހުން ތިބީ އަޑުއެހި ތަނުގަ އެވެ.
"ދެން ކޮންމެވެސް އެހެން ތަނަކަށް ގެންގޮސް ދުނިޔޭގެ ޗާޓެއް ދީފައި ބުނެފި ރާއްޖެ ދައްކަން. އަހަރެން ފާހަގައެއް ޖަހާފައި ބުނެފިން މިތަނުގައޭ ރާއްޖެ އޮންނާނީ. އެތާ ގަޑިއެއްހާއިރު ބަހައްޓާފައި އަހަރެން ދޫކޮށްލީ،" ޓޫރިޒަމް ދުވަހުގެ ގައުމީ ޖަލްސާގައި އަފީފް ވިދާޅުވި އެވެ.
"އެއީ [އޭރު] ދުނިޔެއަށް ރާއްޖެ އެނގޭ މިންވަރު."
ރާއްޖޭގައި ފަތުރުވެރިކަން ފަށައިގެން އުޅުނުއިރު ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެ އޮތް ތަން ބުނެދިނުމެވެ.
"ޖަރުމަނާއި ސްކެންޑިނޭވިއާ އަދި ޔޫރަޕުގެ އެހެން ގައުމުތަކަށް ވެސް ނޭނގޭ. ރާއްޖެއޭ ބުނާއިރަށް ސުވާލުކުރާނެ އެއީ ކޮން ތަނެއްހޭ. ލަންކާ ކައިރީ ނޫނީ އިންޑިއާ ކައިރިއޭ ބުނީމަ ލަންކާ އެނގޭ، އިންޑިއާ އެނގޭ،" އަފީފް ވިދާޅުވި އެވެ.
"ފަހުން މިކަން އުނދަގުލަކަށް ވެގެން އާނއެކޭ ބުނަނީ. އިތުރަށް ކިހިނެއް ކިޔައިދޭނީ."
މިހާރު ހިލާފަށް އޭރު ޓްރެވަލް ފެއާތަކުގައި ވެސް ރާއްޖެއަށް މާ ބޮޑު ސަމާލުކަމެއް ނުލިބެ އެވެ. ކޮން ތަނެއްކަން ގިނަ މީހުންނަށް ނޭނގޭތީ އެވެ.
"ހަނދާންވޭ، ގާސިމް، މަނިކު، އަހަރެން، އަދި ޑީން މެން، ރާއްޖެއިން ޕްރިންޓުކޮށްގެން ގެނެްދިޔަ ލީފްލެޓުތައް އައިޓީބީގެ ބޮޑެތި ހޯލްތަކުގައި ބެހި ހަނދާން. މާ ބޮޑު ސަމަލާުކަމެއް ނުލިބޭ. އެތަނުގައި ދެން އެކަކު އަނެކަކު އަތުން އުކާލާފައި ގެންގުޅުނީ،" އަފީފް ވިދާޅުވި އެވެ.
އެކަމަކު ދުލެއް ނުކުރަން. އަނެއްކާ އަނެއް އަހަރު ދިޔައީ."
އެ ޒަމާނުގައި ހުރީ ވަރަށް ތަފާތު ދަތިތަކެކެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ އައިލެންޑު ހުޅުވުމުގެ ކުރިން ގެނައި ފަތުރުވެރިންނަށް ހިދުމަތް ދިނީ މާލެއިންނެވެ.
އޭރު ރިސޯޓުތައް ތަރައްގީކުރަން ބޭނުންވާ ސާމާނު އެތެރެކުރާނެ ބޭރު ފައިސާއެއް ނެތެވެ. ކުރުނބާ ތަރައްގީކުރިއިރު ވެސް މަސައްކަތުގައި އުޅުނީ އަފީފްގެ އިތުރުން އަހްމަދު ނަސީމް (ކެރަފާ ނަސީމް) އާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.
މުދާ އެތެރެކުރީ އެމީހުންގެ ބޭރު ޕާޓްނަރު، ޖޯޖު ކޯބިން ހަމަޖައްސައިދިން ފައިސާއިންނެވެ. އެ ރަށަށް ބޭނުންވި ޖަނަރޭޓަރުތަކާއި ލޯންޗުތަކާއި އިންޖީނު ފަދަ ސާމާނު ވެސް ފޮނުވައިދިނީ ކޯބިން އެވެ.
ރިސޯޓުތަކުގެ އަދަދުތަކާ އެކު ފަތުރުވެރިން އަންނަ މިންވަރު އިތުރުވާން ފެށުމުން ދެން ކުރިމަތިވީ އިތުރު ގޮންޖެހުމެކެވެ. އެމީހުން އެއާޕޯޓުން ރިސޯޓަށް ގެންދެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ނެތެވެ.
"މީގެ ޝުކުރު ހައްގުވަނީ ޕްރައިވެޓް ސެކްޓާއަށް. އެއީ ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރި މީހުންނަކީ. އޭރު ސަރުކާރުން ކުރަން ޖެހޭ ހަމައެކަނި ކަމަކީ އިންފްރާސްޓްރަކްޗާ ދިނުން. ދެން ޕްރައިވެޓް ސެކްޓާއިން އެތަން ހިންގާނީ،" އޭނާ ވިދާޅުވި އެވެ.
އަފީފް ވަނީ ހުރިހާ ވަސީލަތްތަކަށް އިންވެސްަޓުކުރި ގޮތާއި ތަންތަން ހެދި ގޮތް ވެސް ކިޔައިދެއްވާފަ އެވެ.
"ޔަގީނުން ވެސް އެއީ އަހަރެމެންގެ އަމިއްލަ ފައިސާއަކުން ނޫން. އަހަރެމެންގެ ވަސީލަތްތައް ވަރަށް މަދު. އަދި ފަތުރުވެރިކަން ފެށިއިރު ބޭންކެއް ވެސް ނެތް ރާއްޖޭގައި. ހަންދާންވާ ގޮތުން ނަމަ 1974ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުޅުވުމާ ހަމައަށް،" އަފީފް ވިދާޅުވި އެވެ.
"އޭގެ ކުރިން އެހީވީ ދެ ޓުއާ އޮޕަރޭޓަރުން. އެމީހުން އެޑްވާންސަށް ފައިސާ ދީފައި ބުނީ މި ހުރިހާ ފައިސާއޭ، ތަން ހަދާށޭ. އެ ފައިސާ، އިންވޮއިސްތަކުން އުނިކުރާ ގޮތަށް. ވަރަށް ރަނގަޅު ގޮތެއް އެއީ."
މި ހުރިހާ ކަމެއް ކުރެވި، ކާމިޔާބީތަކުގެ ފަހަތުގައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓާއާ ދެމެދު އޮތް ރަނގަޅު ގުޅުމެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ކުރިއަށްދާންވާނެ ގޮތަކީ މާޒީގެ ގޯސްތައް ރަނގަޅުކުރަމުން، ރަނގަޅު ކަންކަމުގައި ހިފައިގެން. އަދި އެހެން ގައުމުތަކުން ކުރި ކަންކަން ބަލައިގެން،" އަފީފް ވިދާޅުވި އެވެ.
އަފީފްގެ ވާހަކައިގައި އޭރާއި މިހާރާއި ހުރި ތަފާތު، ބައެއް ނަންބަރުތަކުން އޮޅުންފިލުވައިދެއްވި އެވެ. އެގޮތުން:
1972ގައި 1097 ފަތުރުވެރިން ކުރުނބާއަށް ދިޔަ؛ މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން އައި
އޭރު ހުރީ ޖުމްލަ 280 އެނދު؛ މިއަދު 67،000އަށް ވުރެ ގިނަ
އޭރު ޖީޑީޕީއަކީ 1،300 ޑޮލަރު؛ މިހާރު 18،000 ޑޮލަރު
އަހަރަކު ފަސް ބިލިއަނަށް ޑޮލަރަށް ވުރެ ބޮޑު އަދަދެއް އިގްތިސާދަށް ކޮންޓްރިބިއުޓު ކުރޭ
"އޭރު ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް، ބޮލަކަށް ނެގީ 9 ޑޮލަރު. ބްރެކްފަސްޓު، ލަންޗު އަދި ޑިނާއާ އެއްކޮށް. އެއާޕޯޓް ޓްރާންސްފާގެ ގޮތުގައި މީހެއްގެ އަތުން ނެގީ އެއް ޑޮލަރު،" އަފީފް ވިދާޅުވި އެވެ.
"މިހާރު އެބަހުރި [ވަކި ދުވަސްވަރެއްގައި] ރެއަކަށް 15،000 ޑޮލަރު ޗާޖުކުރާ ރިސޯޓުތައް ވެސް."
އަފީފް އެ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގައި މުޅި ދުނިޔެ ނަމޫނާއަކަށް ބަލާ މަންޒިލަކަށް ހެދުމުގައި ޓުއާ އޮޕަރޭޓަރުންގެ ދައުރު ބޮޑުކަމެވެ.
ނަމަވެސް އެއީ މި ސަރުކާރުން ދެނެހުރި ކަމަކަށް ނުވި އެވެ. ބޭރުގެ ބުކިން ޕްލެޓްފޯމް، ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން ފަތުރުވެރިކަމުގައި ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރިން ރުޅިއަރުވާލައިފި އެވެ.
މި ދާއިރާގައި ވެސް ސަރުކާރުން އިސްކުރަނީ އަމިއްލަ ފައިދާ އެވެ. ނަމަވެސް ބޭރުގެ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާއި ރުޅިއާ އެކު އެ އިސްލާހަށް ބަދަލުތަކެއް ގެނައުމުގެ ކޮޅުމަތި ވަނީ ފެނިފަ އެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް