Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
އެ ދޫކޮށްލީ އެންމެ ބޮޑު އެއް ޑްރަގް ޑީލަރު! ލަދެއް ހަޔާތެއް ކޮބާ؟ދައުރު

އެ ދޫކޮށްލީ އެންމެ ބޮޑު އެއް ޑްރަގް ޑީލަރު! ލަދެއް ހަޔާތެއް ކޮބާ؟

އަބްދުﷲ އިބްރާހިމް (އަބްޗާ)އަށް އަންނަން އޮތް 50 އަހަރުގެ ޖަލު ހުކުމް 25 އަހަރަށް ކުރުކޮށްލީމާ ވެސް ދުވަސްކޮޅަކުން އޭނާ މިނިވަންކުރާނެ ކަަމަށް އޭރު އެއް ބޭފުޅަކު ލަފާކުރެއްވި. ކަންތައް މިވީ ވެސް އެހެން

ދ
6 އޮކްޓޫބަރު 2026 11:144 މިނިޓުގެ ކިޔުން 2,713
Aa

ދިވެހި ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޮކްޓޯބަރު 2020ގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް، އައްޑު އަތޮޅުގައި ހިންގި އެވެ: ހިކިފަސް ތަނެއްގައެއް ވެސް ނޫނެވެ. ކަނޑުމަތީގަ އެވެ.

ފުލުހުން އަންނަކަން އެނގުމުން ޑިންގީގައި ތިބި މީހުން ކަނޑަށް އުކާލީ ގޯނިތަކެކެވެ. އެކަމަކު އެމީހުން ލައްވާ އެ ހުރިހާ ގޯންޏެއް ނަގައި، އެ ޑިންގީގައި ތިބި މީހުން ވެސް ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކީ، ނުވަތަ އޭގެ ތެރޭގައި ހިމެނޭ އެންމެ އިސް މީހަކީ، އަބްދުﷲ އިބްރާހިމް، ފިނިފަރު، ސ. ހިތަދޫ އެވެ. އޭނާގެ މަޝްހޫރު ވަނަމަކީ އަބްޗާ އެވެ.

ގޯނިތަކުގައި ހުރީ 61 ކިލޯގެ ޑައަމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް އެވެ. ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެއްޗެވެ. މަގުމަތީ އަގުން ނަމަ ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ އެވެ.

ފަސް އަހަރު ޖަލުގައި ގެންގުޅެފައި، މިދިއަ އަހަރު، 19 މޭ 2025ގައި، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން، ދެ ދައުވާއަކަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އަބްދުﷲ އިބްރާހިމްގެ މައްޗަށް އިއްވި އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ފުލުހުން ހޯދި ހެކިތަކާ އެކު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އިން އުފުލި ހުރިހާ ދައުވާއަކަށް 50 އަހަރުގެ ޖަލު ހުކުމެއް އައީހެވެ.

އެ ދިގު ހުކުމް 25 އަހަރަށް ކުރުކުރީ ދައުލަތާ އެކު އޭނާ ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމް އިއްވި ދުވަހު، މިނިވަން މުއައްސަސާއެއްގެ އިސް ވެރިޔަކު އަޅުގަނޑަށް ގުޅުއްވި އެވެ. އޭނާ ވިދާޅުވީ މުއްދަތު ކުރުކޮށްފައި އެ އުޅެނީ އޭނާ ދޫކޮށްލާށެވެ.

އިއްޔެ ދިވެހި މީޑިއާގައި އެ ފެތުރުނީ، އައްޑޫގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ގަބޫލުކުރާ އެކެއް ކަމަށްވާ އެ އަބްދުﷲ އިބްރާހިމް، ޕެރޯލްގެ ދަށުން ދޫކޮށްލި ހަބަރެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާ މީހުން ޕެރޯލްގެ ދަށުން ދުލެއް ނުކުރެވޭނެ އެވެ. އެކަމަކު ޕެރޯލް ބޯޑުން ނިންމައިގެން އެ ނުރައްކާތެރި ކުށްވެރިޔާ ދޫކޮށްލީ މި މަހު 1 ގަ އެވެ.

މިއީ ކޮން ކަހަލަ ގައުމެއް ހެއްޔެވެ؟ މިއީ ކޮން ކަހަލަ ސަރުކާރެއް ހެއްޔެވެ؟ މިއީ ކޮން ގޮތަކަށް ހިންގާ ޕެރޯލް ނިޒާމެއް އޮންނަ ތަނެއް ހެއްޔެވެ؟

މަސްތުވާތަކެތީގެ ހާލަތު އެހާ ގޯސް އަދި ދިވެހި އެތައް ހާސް ބަޔަކު އޭގެ ދެވިހިފުމުން ސަލާމަތްނުވެެގެން އުޅޭ އިރު، އެ ވިޔަފާރީގެ އިސް މީހުން، ފުލުހުންގެ އެތައް މަސައްކަތަކުން ހޯދައި، ދައުލަތާ ހަވާލުކުރުމުން މި ފެންނަނީ ފަސޭހަކަމާ އެކު ދޫވާ ތަނެވެ.

"ހާދަ ބޮޑު ކަމެކޭ އަބްޗާ ހައްޔަރުކުރުމަކީ. ހާދަ މަސައްކަތެކޭ އަސްލު ފުލުހުން ކުރީ. އެކަމަކު މިހެން ހަައްޔަރުކުރާ މީހުން ޕީޖީއަށް ފެނުނީމާ ދޫކޮށްލަންވީ، ޕެރޯލް ބޯޑަށް ފެނުނީމާ ދޫކޮށްލަންވީ،" އަބްދުﷲ އިބްރާހިމް ދޫކޮށްލި ހަބަރާ އެކު، މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު، މާޔޫސްކަމުގައި، ވިދާޅުވި އެވެ.

"މިހެން ކަންތައް ކުރާ ނަމަ ކޮންމެހެން ފުލުހުން ލައްވާ ބޭކާރު މަސައްކަތްތަކެއް ކުރުވާނެ ކަމެއް ނެތެއްނު."

އަބްދުﷲ އިބްރާހިމް ކަހަލަ ކުށްވެރިންގެ އަތްދަށުގައި ދައުލަތުގެ ބާރުތައް ތާށިވަނީ ކީއްވެގެންކަން އޭނާއަށް އެނގިވަޑައިނުގަންނަވަނީކީ ނޫނެވެ: ހުރިހާ ދިމާލަކަށް ލާރި އަޅަނީ އެވެ.

"މި ދައްކަނީ 80 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހެއްގެ ވާހަކަ. ކޮބާ ހައްޔަރުކުރުމުގެ ކުރިން އޭނާ އެތެރެކޮށްފައި ހުރި އެއްޗެހި؟ އޭނާ ހިންގި ޑްރަގް ވިޔަފާރި؟" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ސުވާލުކުރެއްވި އެވެ. އެ ސުވާލާ އެކު އޭގެ ޖަވާބު ވެސް ދެއްވި އެވެ.

"އެއީ އެތައް ބައިވަރު ފައިސާއެއް. އެ ފައިސާ އެ އަޅަނީ އެކި މީހުންނަށް. އޭގެ ނުފޫޒުން އެ މީހުން އެ ދޫވަނީ. ކޮންމެހެން އިންތިހާބެއްގައި މާ ގިނަ ވޯޓު ލިބޭނެތީއެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި އިއުތިރާފުގެ އެއްބަސްވުމަކަށް ގޮސް، ޖަލުގެ މުއްދަތު ކުރުކުރަން ޖެހޭ ހާލަތެއް، އަބްދުﷲ އިބްރާހިމްގެ މައްސަލައަކު ނޯންނާނެ އެވެ. އެއަށް ވުރެ އޭނާއާ ދެކޮޅު ހެކި ގިނަ އެވެ. އޭނާއާ އެކު އެއްބަސްވުމެއް ހަދައިގެން ދައުލަތަށް ލިބޭނެ ފައިދާއެއް ވެސް ނޯންނާނެ ކަމަށް، އެ ބޭފުޅާ ގަބޫލުކުރައްވަ އެވެ.

އަބްދުﷲ އިބްރާހިމް ކަހަލަ މަސްތުވާތަކެތީގެ ބޮޑުން ޑްރަގާ އެކު އަތުލެވެނީ ވަރަށް މަދުންނެވެ. ގިނަ ފަހަރަށް އެކަހަލަ ބޮޑުން ހައްޔަރުކުރަނީ އެހެން ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. އެކަމަކު އަބްދުﷲ އިބްރާހިމް އަތުލައިގަތީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޑިންގީގައި، އެ އެއްޗިއްސާ އެކު، އިންދަ އެވެ.

ރާއްޖެއަށް ފެތުރިފައި އޮތް އެންމެ ނުރައްކާތެރި އެއް ވަބާއާ ދެކޮޅަށް ހަގީގަތުގައި ދިވެހި ފުލުހުން އެ ދުވަހު އެ ހޯދީ އެހާމެ ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް އެ ކާމިޔާބީގެ އަގަކީ މިއަދު ކޮބައި ހެއްޔެވެ؟ ގައުމަށް ތެދުވެރި، ވަފާތެރި އެ ފުލުހުން އެހާ ސިއްރުން ހިންގި އޮޕަރޭޝަނަކުން ލިބުނު އުފަލަކީ ވެސް، މިއަދު ކޮބައި ހެއްޔެވެ؟

މި ސުވާލަށް ޖަވާބެއް ދޭން ކެރޭނެ ވެރިޔަކު ސަރުކާރުގައި މި ވަގުތަކު ނުހުންނާނެ އެވެ. އޭގެ ބަދަލުގައި މިއީ ރައީސް މުހައްމަދު މުއިއްޒުން ފެށިގެން، ޕެރޯލް ބޯޑުގެ ހުރިހާ މެމްބަރުން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ލަދުން އިސްޖަހަން ޖެހޭނެ ދުވަހެކެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް، ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާނެ ވަރުގެ މަސައްކަތްތަކެއް ކުރާނެ ކަމުގެ މޮޅު ވާހަކަތައް ދައްކާފައި، ބޮޑު ކުށްވެރިޔަކު ޖަލުން ނެރެ ދޫކޮށްލިލެއް ފަސޭހަކަމާ އެވެ.

މިކަހަލަ ގޮތްކުޑަ، ނުބައި ނުލަފާ ނިންމުންތައް ނިންމަން ޕެރޯލް ބޯޑުގެ މެމްބަރުންނަކީ ކޮބައިކަމެއް ވެސް މިއަދު އެނގޭކަށް ނެތެވެ. އެއް ނޫސްވެރިޔަކު ބުނީ އެ މީހުންގެ ނަންތައް އޮތީ ސިއްރުކޮށްފައި ކަމަށެވެ. ދައުލަތުގެ އެކި އޮފީސްތަކާއި މުއައްސަސާތަކުން ނުވަ މެމްބަރުން އެ ކޮމިޓީގައި ތިބެ އެވެ.

އަބްދުﷲ އިބްރާހިމް ކަހަލަ ރާއްޖޭގެ އެންމެ ބޮޑު އެއް ޑްރަގް ޑީލަރު، ހައެއްކަ އަހަރު ޖަލުގައި އޮވެފައި މިނިވަންކުރެވޭ ނަމަ މި ގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެއްވެސް މަަސައްކަތެއް ކުރާނެ ކަމެއް ނެތެވެ. އެއަށް ވުރެ މާ ކުދިކުދި ކުށްތަކުގައި މާ ދިގު މުއްދަތެއް އެތައް ބަަޔަކު ޖަލުގައި ނުވަތަ ބަންދުގައި އެބަ ހޭދަކުރެ އެވެ.

ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމްކުރާ ސަަރުކާރެއްގެ ސިފަ ގެއްލެނީ މިކަހަލަ ކަންކަން ހިންގާތީ އެވެ. އާންމުން ރުޅިއައިމާ އެ ނިންމުން ބަދަލުކުރަން އުޅެފާނެ އެވެ. އެކަމަކު މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަމޭ ކިޔާ މި ސަރުކާރުގެ އެއްވެސް މީހަކަށް ދެން ދެއްކޭނެ ވާހަކައެއް ނޯންނާނެ އެވެ. ލަދެއް ނެތީމާ މޫނުމަތީގައި އަތް ނާޅަނީތާ އެވެ.

އެކަމަކު ލަދެއް ހުންނަ މީހަކު ވިއްޔާ އަބްދުﷲ އިބްރާހިމް ދޫކޮށްލުމުގެ ވާހަކަ ދުލާ ހަމައަށް ވެސް ނާންނާނެ އެވެ. އޭގެ ކުރިން އޭނާ ބުނާނީ 'އަހަރެން ކައިރީގައި ތިޔަ ވާހަކަ ނުދައްކާށޭ" އެވެ.

ނަމަވެސް ދިވެހި ގައުމު ހިންގަން މި ލިބެނީ އެފަދަ ވިސްނުމެއް ނެތް، އަމިއްލަ އެދުން އިސްކުރާ ބަޔަކަށެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.