ރޭ ހުޅުމާލެ ފޭސް 2ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެއް އާއިލާއެއްގެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ގަވައިދާ ހިލާފަށް، ތިން މީހުން އަރައިގެން ދުއްވި ސައިކަލެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އެ މީހުންގެ އިތުރުން ދެން އަނިޔާވީ އަނެއް ސައިކަލުގައި ތިބި ދެބެންގެ ދެދަރި ދެ ފިރިހެނުންނަށެވެ.
ގަވައިދާ އެއްގޮތަށް ސައިކަލު ދުއްވާފައި ދިޔަ އެ ދެ ޒުވާނުންގެ ތެރެއިން އެކެއްގެ ބޮލަށް ލިބުނު އަނިޔާގައި ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އިމަޖެންސީ އޮޕަރޭޝަނެއް ކުރިއަށް ދާއިރު، އަނެއް މީހާގެ މޫނަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ.
ތަފްސީލް - މޫނު ދުޅަވެފައި ހުރުމުން އަދި އޮޕަރޭޝަން ނުކުރެވިފައިވާއިރު، ދުޅަ ތިރިވިހާ އަވަހަކަށް އެކަން ކުރަން ޖެހޭނެކަން އާއިލާއިން ފާހަގަ ކުރި އެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
އާއިލާއިން ބުނި ގޮތުގައި، ރޭ އެ ދެ ޒުވާނުން ނުކުތީ ދުއްވާލަންށެވެ. އެކަމަކު ގަވައިދާ ހިލާފަށް ދުއްވި ބައެއްގެ ސަބަބުން ކުށެއް ނެތް ދެ ޒުވާނުން މަރާހަނގުރާމަ ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން އެ މީހުން ފާޅުކުރި އެވެ.
ފުލުހުން މިއީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމުގެ ޝަކުވާ ވެސް އާއިލާއިން ކުރި އެވެ.
ފުލުހުންގެ ތަހުގީގާ ހަވާލާދީ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ:
އެކްސިޑެންޓު ހިނގަން މެދުވެރިވި އެއް ސައިކަލު ދުއްވީ ތިން މީހުން އަރައިގެން ވަން ވޭއާ އިދިކޮޅަށް
އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ
ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން
އެކްސިޑެންޓު ހިނގީ ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލު، އެ މަގުން ނުކުތް އަނެއް ސައިކަލުގައި ޖެހިގެންނެވެ.
މަޢުލޫމާތު: ދައުރު









ކޮމެންޓް