ފުޅާ ދާއިރާއެއްގައި އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގައިގެން އުމުރު ދުވަހަށް ޖަލަށް ހުކުމްކޮށްފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކޮށްފައި ހުއްޓާ އަލުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން 2020 ވަނަ އަހަރު ތެރޭ އަބްދުﷲ އިބްރާހިމް ހައްޔަރުކޮށްފައި ވަނީ، ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ މެއި މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޕެރޯލް ބޯޑުން އޭނާ މިނިވަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ ނިންމުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އަބްދުﷲ އިބްރާހިމް އަލުން ހައްޔަރުކުރިކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ.
ތަފްސީލު - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އަބްދުﷲ އިބްރާހިމް ދޫކޮށްލުމުގައި ޕެރޯލްބޯޑުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ޔަގީންވެފައިވާތީ، މިއަދު ހަވީރު އޭނާ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިހުސާން ވަނީ ޕެރޯލް ބޯޑުން އަބްދުﷲ އިބްރާހިމް ދޫކޮށްލަން ނިންމި ސަބަބު ސާފުކޮށްދެއްވާފަ އެވެ. އެގޮތުން:
ޕެރޯލް ނިޒާމަށް ޝަރުތު ހަމަވަނީ، ހުކުމުގެ ތިންބައިކުޅަ އެއްބައި މުއްދަތު ޖަލުގައި ހޭދަކޮށްފައިވުމުން
އެއް ދައުވާއަށް ބަލާއިރު، 2024 ވަނަ އަހަރު އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް
އޭނާ ކުށްކުރި ދުވަހުން ފެށިގެން (2020 ވަނަ އަހަރުތެރޭ) 2024 ވަނަ އަހަރު ކުރި ޖަލުގެ ހުކުމާ ހަމައަށް އައި އިރު، ހުކުމުގެ ހަތަރު އަހަރު ފާއިތުވެފައިވޭ
ދެން ބާކީ އޮތް އަށް އަހަރު ތިންބައިކުޅަ އެއްބަޔަށް ބަހާލުމުން ޕެރޯލްގެ ޝަރުތު ހަމަވޭ
އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން އެގޮތަށް ނިންމި ނަމަވެސް، އެއީ ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭ ގޮތް ނޫން ކަމަށް އެ ބޯޑަށް އަންގާފައިވާނެ ކަމަށެވެ. އަދި ހާއްސަކޮށް، ގައުމުގެ އެ ފަދަ ބޮޑެތި މައްސަލަތައް ނިންމާއިރު، ސުވާލު އުފެދޭ ކަމެއް އޮތް ނަމަ، އޭގެ ޖަވާބު ހޯދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް