ގދ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ގަމުގައި މަސްތުވާތަކެތި ރައްކާކޮށް، އެތަކެތީގެ ވިޔަފާރި ކުރި މީހަކު 25 އަހަރަށް ޖަލަށްލައި 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ، 25 އަހަރަށް ޖަލަށްލާން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ، އެ ރަށު ނޫރީގޭ އަލީ ޝަޒީނުގެ މައްޗަށެވެ. އެއީ 37 އަހަރުގެ މީހެކެވެ.
ތަފްސީލް - އަލީ ޝަޒީނަކީ ދަނޑުވެރިއެކެވެ. ފުލުހުން ބުނި ގޮތުގައި، ގައްދުއާ އެއްފަޅެއްގައި އޮންނަ ގަމުގައި އޭނާ މަސްތުވާތަކެތި ރައްކާކޮށް، ވިޔަފާރި ކުރަމުން ދިޔައީ އެ ރަށުގައި އޭނާ ހައްދާ ދަނޑުގަ އެވެ.
އެކަން ފުލުހުންނަށް އެނގުނީ 2021 ވަނަ އަހަރު އެވެ. އެއާ އެކު، ފުލުހުން ވަނީ އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުން ދިޔަ ސަރަހައްދު ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާއި ބަނގުރާ އެތަނުން ހޯދާފަ އެވެ.
އެ މައްސަލައިގައި ތަހުގީގު ނިންމައި މަހެއްހާ ފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ
މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވި އެވެ. އެކަމަކު 25 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އައީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގަ އެވެ.
އެނގުން މުހިއްމު - ޑައިމޯފިން ޓްރެފިކްކޮށްގެން، މިދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ތިން މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވާފައިވެ އެވެ. އެއީ:
އަލީ އިބްރާހިމް، 37، ށ. މިލަންދޫ
އަބްދުލްވައްހާބު، 59، އައްޑޫ މީދޫ
މުހައްމަދު ފާރިގު، 28، ށ. މާއުނގޫދޫ
މަޢުލޫމާތު: ދައުރު









ކޮމެންޓް