Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
އަބްދުﷲ އިބްރާހިމް ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކޮށްފިދައުރު

އަބްދުﷲ އިބްރާހިމް ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކޮށްފި

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މެމްބަރުން ވަކިކުރި ނަމަވެސް، ޕެރޯލް ބޯޑުން ގޯސް ހެދީ ގަސްތުގައި ނޫން ކަމަށާއި މިހާތަނަށް ބެލިބެލުމުން އެކަމުގައި ބޯޑުގެ މެމްބަރުންގެ ނުނިޔަތެއް ނެތް ކަމަށް

ދ
6 އޮކްޓޫބަރު 2026 19:123 މިނިޓުގެ ކިޔުން 2,064
Aa

ފުޅާ ދާއިރާއެއްގައި އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގައިގެން އުމުރު ދުވަހަށް ޖަލަށް ހުކުމްކޮށްފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކުރުމުން، އެ ބޯޑުގެ މެމްބަރުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން 2020 ވަނަ އަހަރު ތެރޭ ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައެއްގައި އަބްދުﷲ އިބްރާހިމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.

އެކަމަކު ޕެރޯލް ބޯޑުން މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ އެކު، އެ ނިންމުން ބާތިލްކޮށް އޭނާ އަލުން ޖަލަށް ވަނީ ގެންގޮސްފަ އެވެ.

ތަފްސީލު - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އަބްދުﷲ އިބްރާހިމް ދޫކޮށްލާފައިވަނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ބައެއް ކަންކަން ނުބަލާ ކަމަށާއި އެހެންވެ، ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެރޯލް ބޯޑަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސް އުފައްދައްވާ ބޯޑެކެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގައި ހިމެނެނީ، ގާނޫނުގައިވާ ގޮތުން:

1- އެޑިއުކޭޝަން މިނިސްޓްރީގައި ވަޒީފާ އަދާކުރާ ސިވިލް ސާވިސްގެ އިސް މުވައްޒަފެއް

2- ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރާ ސިވިލް ސާވިސްގެ އިސް މުވައްޒަފެއް

3- ބަންޑާރަ ނައިބުގެ އޮފީހުގައި ވަޒީފާ އަދާކުރާ ގާނޫނީ ވަކީލެއް

4- ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ މެންބަރެއް

5- ފުލުހުންގެ އިސް އޮފިސަރެއް

6- އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދީނީ އިލްމުވެރިންގެ ތެރެއިން ރައީސް އައްޔަންކުރާ އިލްމުވެރިއެއް

7- ކަރެކްޝަންސްގެ އިސް އޮފިސަރެއް

8- މެޑިކަލް ޑޮކްޓަރެއް

9- ނަފްސާނީ ފަރުވާދޭ މީހެއް

އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން އެ ގޯސް ހެދީ ގަސްތުގައި ނޫން ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެކަމުގައި ބޯޑުގެ މެމްބަރުންގެ އެއްވެސް ނުނިޔަތެއް ނެތް ކަމަށެވެ. އެހެންވެ، އެކަމުގައި އެ މެމްބަރުން ކުށްވެރި ނުކުރައްވާ ކަމަށާއި ވަކިކުރީ އެކަމުގެ އަދަބެއްގެ ގޮތުން ނޫން ކަމަށް ވިދާޅުވި އެވެ.

އިހުސާން ވަނީ ޕެރޯލް ބޯޑުން އަބްދުﷲ އިބްރާހިމް ދޫކޮށްލަން ނިންމި ސަބަބު ސާފުކޮށްދެއްވާފަ އެވެ. އެގޮތުން:

ޕެރޯލް ނިޒާމަށް ޝަރުތު ހަމަވަނީ، ހުކުމުގެ ތިންބައިކުޅަ އެއްބައި މުއްދަތު ޖަލުގައި ހޭދަކޮށްފައިވުމުން

އެއް ދައުވާއަށް ބަލާއިރު، 2024 ވަނަ އަހަރު އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް

އޭނާ ކުށްކުރި ދުވަހުން ފެށިގެން (2020 ވަނަ އަހަރުތެރޭ) 2024 ވަނަ އަހަރު ކުރި ޖަލުގެ ހުކުމާ ހަމައަށް އައި އިރު، ހުކުމުގެ ހަތަރު އަހަރު ފާއިތުވެފައިވޭ

ދެން ބާކީ އޮތް އަށް އަހަރު ތިންބައިކުޅަ އެއްބަޔަށް ބަހާލުމުން ޕެރޯލްގެ ޝަރުތު ހަމަވޭ

އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުން އެގޮތަށް ނިންމި ނަމަވެސް، އެއީ ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭ ގޮތް ނޫން ކަމަށް އެ ބޯޑަށް އަންގާފައިވާނެ ކަމަށެވެ. އަދި ހާއްސަކޮށް، ގައުމުގެ އެ ފަދަ ބޮޑެތި މައްސަލަތައް ނިންމާއިރު، ސުވާލު އުފެދޭ ކަމެއް އޮތް ނަމަ، އޭގެ ޖަވާބު ހޯދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ބޯޑުގައި މި ހިމެނެނީ ދައުލަތުގެ އެކި ވުޒާރާތައް ރަމްޒުކުރައްވާ ބޭފުޅުން. އަޅުގަނޑުމެން ބެލިބެލުމުން އެ ކަމުގައި އެ ބޭފުޅުން ގަސްތުގައި ގޯހެއް ނުހައްދަވާ. އެކަމަކު ގައުމުގެ ބޮޑެތި މައްސަލަތައް ބަލަން ޖެހޭ ވަރަށް ނުބެލި އޮވެގެން މި ފަދަ ކަމެއް މި ހިނގީ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ޕެރޯލް ބޯޑުން ގަސްތުގައި ކުރި ކަމަކަށް ނުވުމުން، ބޯޑުގެ މެމްބަރުންގެ ނަންތައް ހާމަކުރައްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި:

ޕެރޯލްގެ ގާނޫނު ހެދީ 2013 ވަނަ އަހަރު

އޭގެ ފަހުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި އެ ފަދަ ބޮޑެތި ގާނޫނުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު، އެއާ އެއްގޮތަށް އަމަލު ކުރުމަށް ޕެރޯލްގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ

އަދި ކުރިއަށް އޮތްތަނުގައި އެ އިސްލާހުތައް ގެންނާނެ

އިހުސާން ވިދާޅުވީ ޕެރޯލް ބޯޑަކީ އެކި ދާއިރާތަކުގެ މީހުން ހިމެނޭ ގޮތަށް، ގާނޫނީ ވަކި އިޖުރާއަތްތަކެއްގެ ތެރެއިން އަމަލު ކުރާ ތަނަކަށް ވުމުން، އެ ބޯޑުން ނިންމާ ނިންމުމެއް މިހާތަނަށް ރިވިއު ކުރަން ޖެހިފައިނުވާ ކަމަށެވެ. އެކަމަކު މި ފަދަ ކަމެއް ހިނގުމުން، ޕެރޯލް ނިޒާމުގެ ތެރޭގައި ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިކަން އެނގިވަޑައިގެންފި ކަމަށާއި އެހެންވެ، އެ ފަދަ ކަމެއް އިއާދަނުވާނެ ގޮތަކަށް ކަންކަން ރިވިއުކޮށް ތަރުތީބު ކުރުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެކަން ހަމަޖެހެންދެން، ޕެރޯލް ނިޒާމުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ، ކުރިއަށް ހަފުތާގައި މަސައްކަތްކޮށް، އެކަންކަން ހައްލުކުރުމަށް ފަހު އެކަން އަލުން ފެށޭނެ ކަމަށް،" އިހުސާން ވިދާޅުވި އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.