ރޭ ހުޅުމާލެ ފޭސް 2ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ވަން ވޭއާ އިދިކޮޅަށް ދުއްވާފައި ދިޔަ ސައިކަލު ދުއްވަން އިނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި އޭނާ ދުއްވި ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރޭ ދަންވަރު 2:55 ހާއިރު ހިނގި އެކްސިޑެންޓުގައި 5 މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އޭގެ ތެރެއިން 4 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ތަފްސީލް - ފުލުހުންގެ ތަހުގީގާ ހަވާލާދީ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ:
އެކްސިޑެންޓު ހިނގަން މެދުވެރިވި އެއް ސައިކަލު ދުއްވީ ތިން މީހުން އަރައިގެން ވަން ވޭއާ އިދިކޮޅަށް
އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ
ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން
އެކްސިޑެންޓު ހިނގީ ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލު، އެ މަގުން ނުކުތް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެކްސިޑެންޓުވި ދެ ސައިކަލަށް ވެސް ވަރަށް ބޮޑެތި ގެއްލުންވެފައިވެ އެވެ.
މި އެކްސިޑެންޓު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް