ފުޅާ ދާއިރާއެއްގައި އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގައިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނިކޮށް އަބްދުﷲ އިބްރާހިމް (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކުރި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން 2020 ވަނަ އަހަރު ތެރޭ އަބްދުﷲ އިބްރާހިމް ހައްޔަރުކޮށްފައި ވަނީ، ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ މެއި މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޕެރޯލް ބޯޑުން އޭނާ މިނިވަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ނިންމުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އަބްދުﷲ އިބްރާހިމް އަލުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދެއްވުމަށް ހުށަހެޅީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެކަމަށް އެދި މަޖިލީހަށް މުހައްމަދު އިބްރާހިމް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކަން ހިނގައި ދިޔަގޮތް މަޖިލީހުން ބެލުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެފަދަ ކަމެއް ތަކުރާރުވުން ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ޕެރޯލު ދިނުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތަކާ އެކު އަށް ކަމެއް ތަހުގީގުކޮށްދިނުމަށް އެދިފައިވެ އެވެ.
އެ ނިންމުން ނިންމުމަށް ޕެރޯލް ބޯޑުން ވޯޓުދިންގޮތާއި ޕެރޯލު ދިނުމަށް ނިންމައި ދޫކޮށްފައިވާ ރަސްމީ ލިޔުން ހިމެނޭހެން އެ މައްސަލައާގުޅޭ ފުރިހަމަ އިދާރީ ފައިލު ހޯދައި ދިރާސާކުރުން
ޕެރޯލު ދިނުމަށް ޝަރުތުހަމަވާކަމަށް ނިންމި ގާނޫނީ އަސާސް އަކީ ކޮބައިތޯ އާއި އެ ނިންމުމަށް ވާސިލުވުމަށް ބޭނުންކުރި މިންގަނޑުތަކާއި ބަހުސްކުރި ނުކުތާތައް ޕެރޯލުބޯޑު މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސާފުކުރަން
ކުށްވެރިޔާ ދޫކޮށްލުމުގެ މަސައްކަތް ހިނގަމުންދާކަން ނުވަތަ ދޫކޮށްލިކަން ހޯމްލޭންޑް މިނިސްޓްރީއަށް އެނގުނު ތާރީހާއި ވަގުތުގެ އިތުރުން ޕެރޯލު ބޯޑާއި މިނިސްޓްރީއާ ދެމެދު ކުރެވުނު މުއާމަލާތްތަކާއި މެމްބަރުން މަގާމުން ވަކިކުރި އަސާސް ސާފުކުރަން މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުން
އެ ކަމުގައި ނުފޫޒެއް ނުވަތަ މަގާމުގެ ނުފޫޒުން މީހަކަށް މަންފާއެއް ހޯދަދީފައިވޭތޯ ސާފުކުރަން އޭސީސީ އަދި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގަން ހުށަހެޅުން
މިއީ އިޖުރާއީ ގޯހެއްތޯ ނުވަތަ ނިޒާމީ ގޮތެއްގައި ހިނގަމުންދާ ކަމެއްތޯ ބަލަން ޕެރޯލް ބޯޑުގެ ކުރީގެ ނިންމުންތައް ދިރާސާކުރުން
25 އަހަރުގެ ހުކުމެއް އޮތް ބޮޑު ކުށްވެރިޔަކު ދޫކޮށްލުމުގައި ޕެރޯލް ބޯޑަށް ގާނޫނީގޮތުން އޮޅުންއެރީ ކީއްވެތޯ އާއި އެ މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅެއް އަޅާނެތޯ ނިންމުން
މިފަދަ ނުބައި މާނަކުރުމެއްގެ ތެރެއިން މީގެ ކުރިން ބޮޑެތި ކުށްވެރިން ދޫކުރެވިފަވޭތޯ ބަލަން އޮޑިޓެއް ހިންގުމާމެދު ގޮތެއް ނިންމުން
ޕެރޯލު ބޯޑުން މިނިވަންކުރުމަށް ފަހު، ކޯޓު އަމުރަކާނުލައި ނުވަތަ އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭ ގާނޫނީ އިޖުރާއަތަކީ ކޮބައިތޯ ސާފުކުރުން
މަޢުލޫމާތު: ދައުރު








ކޮމެންޓް