ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ގުޅިފައިވާ ދިފާއީ ފިޔަވަޅުތައް ވަރުގަދަކޮށް، ތުރުކީ އާއި ޕާކިސްތާނުގެ އަސްކަރީ އެހީތެރިކަން އަވަސް ފުރުސަތެއްގައި ސައުދީއަށް ފޯރުކޮށްދިނުމަށް މި ތިން ގައުމުން ނިންމައިފި އެވެ.
އިއްޔެ ރިޔާދުގައި ބޭއްވި ތިން ގައުމުގެ ފޮރިން މިނިސްޓަރުންނާއި ޑިފެންސް މިނިސްޓަރުންގެ ކުއްލި ބައްދަލުވުމަކަށް ފަހު އިއުލާންކުރި މި ނިންމުމަކީ، 7 އޮގަސްޓްގައި ސޮއިކުރި 'މައްކާ އެލަޔަންސް ފޯ ޑިފެންސް' އިއްތިހާދުގެ ދަށުން އަމަލީ ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމުގައިވާ ގޮތުން، އިއްތިހާދުގެ މެންބަރު ގައުމަކަށް ދެވޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ.
ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ހާލިދު ބިން ސަލްމާން ވިދާޅުވި ގޮތުގައި، މި އިއްތިހާދުގެ އޮނިގަނޑުގެ ތެރެއިން، ދެވޭ ހަމަލާތަކަށް ރައްދު ދިނުމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ގުޅިފައިވާ ދިފާއީ ފިޔަވަޅުތައް އެޅުމަށް ކޮމިޓީން ވަނީ އެއްބަސްވެފަ އެވެ. އަދި ސައުދީ އަރަބިއްޔާއަށާއި އިސްލާމީ މުގައްދަސް ބިނާތަކަށް ދެވޭ ހަމަލާތަކާ ދެކޮޅަށް ތިން ގައުމުގެ މެދުގައި އޮތް އެއްބައިވަންތަކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ކުރިން އެއްބަސްވެފައިވާ އުސޫލުތަކާއި ކޮންމެ ގައުމެއްގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބޭނުންވާ އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް ސައުދީ އަރަބިއްޔާއަށް ފޮނުވުމަށް މެންބަރު ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.
މި ނިންމުން ނިންމާފައިވަނީ ޔަމަނުގެ ދާހިލީ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ ކޯލިޝަންގެ ފައުޖުތަކުން ވަނީ ރެޑް ސީ ޕޯޓް އޮފް މޯކާ އަދި ބާބުލް މަންދަބު ހޫތީންގެ އަތްދަށުން މިނިވަންކޮށްފަ އެވެ. މި ހަރަކާތްތަކުގައި 100އެއްހާ ހަނގުރާމަމަތީ މަތިންދާބޯޓު ބޭނުންކުރަމުންދާ ކަމަށް ސައުދީ ކޯލިޝަނުން ބުންޏެވެ.
ހަމަ އެއާ އެކު، ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާބިގުގައި ހުންނަ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުހާނާއަށް ހަމަލާދީފައިވާ ކަމަށް ހޫތީން ދައުވާކުރި ނަމަވެސް، ސައުދީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މައްކާ އެލަޔަންސް އުފައްދާފައިވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެ، ސައުދީގެ އަމާޒުތަކަށް ހޫތީން ދޭ ހަމަލާތައް ގިނަވުމާ ގުޅިގެންނެވެ. ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހަވާޖާ އާސިފް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޔަމަނުގެ ހަނގުރާމައިގެ އަސަރު ސައުދީގެ ސަރަހައްދުތަކަށް ފޯރަން ފަށައިފި ނަމަ، މި އިއްތިހާދުގެ ދަށުން އަމަލީ މަސައްކަތްތައް ފެށޭނެ އެވެ.
ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަން ދިރާސާކުރާ އަބްދުލްއަޒީޒް އަލްގަޝިއާން ފާހަގަކުރެއްވި ގޮތުގައި، ފަހަކަށް އައިސް ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން މި އިއްތިހާދުގެ މަސައްކަތްތައް އަވަސްވެފައިވާއިރު، މިއީ ސަރަހައްދުގެ ތާރީހުގައި މުހިންމު ނިންމުމެކެވެ.
މަޢުލޫމާތު: ދައުރު








ކޮމެންޓް