ސައުދީ އަރަބިއްޔާގެ އެހީތެރިކަމާ އެކު ހަރަކާތްތެރިވާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ރަތްކަނޑުގެ އައްސޭރިފަށުގައި ކުރިއަށްޖެހި، އިސްތިރާތީޖީ ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭ ސަރަހައްދު މިނިވަންކޮށް، މުހާ ސިޓީއާ ހަމައަށް ފޯރާފައިވާ ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ އޮފިޝަލުން ބުނި ގޮތުގައި، ސައުދީގެ ވަރުގަދަ ވައިގެ ހަމަލާތަކުގެ އެހީގައި ސަރުކާރުގެ ފައުޖުތަކުން މުހާގެ ބޭރުގެ ސަރަހައްދުތަކަށް ފޯރާފައިވާއިރު، ހޫތީ ހަނގުރާމަވެރިން ވަނީ ފަރުބަދަމަތީ ސަރަހައްދުތަކަށް ފަހަތަށް ޖެހިފަ އެވެ. ޔަމަނުގެ ޑިފެންސް މިނިސްޓްރީން ފަހުން ބުނެފައިވަނީ އެ ސިޓީ މިހާރު އޮތީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށެވެ.
ހޫތީން ވަނީ ސަރުކާރުގެ މި ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.
މި ކުރިއެރުންތައް ކަށަވަރުވެއްޖެ ނަމަ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ މައިގަނޑު އެއް މަގު ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް ހޫތީންނަށް އޮތް ބާރު ކުޑަވެގެންދާނެ އެވެ. ސަރުކާރުގެ ފައުޖުތަކުން ވަނީ ކަނޑުއޮޅީގެ ދޮރުމަތީގައި އޮންނަ ޒުބާބު ސަރަހައްދުގެ ވައިގެ ބަނދަރު ހިމެނޭހެން ބައެއް މުހިންމު ތަންތަން އަލުން ހިފާފަ އެވެ.
މީގެ ރައްދުގައި ހޫތީން ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ ބައެއް އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާބިޣްގައި ހުންނަ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުހާނާ އާއި އަބްހާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހަމީސް މުޝައިތު މިލިޓަރީ ބޭސް ހިމެނެ އެވެ. ނަމަވެސް މި ހަމަލާތައް ދިންކަން އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
އައްސޭރިފަށުގެ ބައެއް ސަރަހައްދުތައް ގެއްލުނު ކަމަށްވިޔަސް، ތާއިޒް ސަރަހައްދުގައި ހޫތީން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަރުކާރުގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، ހޫތީން ވަނީ ފަރުބަދަމަތީ މަގުތަކެއްގެ ބާރު ހޯދައި އެ ސިޓީ ބަންދުކޮށްފަ އެވެ. ނަމަވެސް، ސަރުކާރުގެ ބައެއް މަސްދަރުތަކުން މި މައުލޫމާތުތަކާ މެދު ހިޔާލުތަފާތުވެ އެވެ.
އަލުން ފެށުނު ހަނގުރާމައާ ގުޅިގެން ޔަމަނުގެ އިންސާނީ ކާރިސާ ވަނީ އިތުރަށް ގޯސްވެފަ އެވެ. އދ.ގެ ހިޖުރައާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، ހަމަނުޖެހުންތައް އަލުން ފެށުނު ފަހުން 184,000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
ޔަމަނުގެ ރައީސް ރަޝާދު އަލް-އަލީމީ އާދީއްތަ ދުވަހު ވައުދުވެވަޑައިގެންފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ އަތްދަށުން ގައުމު މިނިވަންވަންދެން ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ރިޔާދުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓްގެ ދަށުން ސައުދީ އަރަބިއްޔާގައި އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް ގާއިމުކުރުމަށް އެއްބަސްވެފަ އެވެ.
މީގެ އިތުރުން، މި ތިން ގައުމުން ވަނީ މައްކާ އާއި މަދީނާއަށް އަމާޒުކުރަން އުޅޭ ކަމަށް ބުނާ މައްސަލަ އާއި ސައުދީގެ ސިޓީތަކަށާއި އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އަދި ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ކޮންމެ ހަމަލާއެއް ނުވަތަ ނުރައްކަލަކާ ދެކޮޅުކަން ވަނީ ތަކުރާރުކޮށްފަ އެވެ.
މަޢުލޫމާތު: ދައުރު









ކޮމެންޓް